މިއީ އެދުވަހެވެ
ޢާލަމް ތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ނަބިއްޔާ އަދި އެއްމެ ފަހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައި ވަޞައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ” ހަމަ ކަށަވަރުން ތިމަން ކަލޭގެފާނުގެ އުއްމަތުގައި ބަޔަކުމީހުން އަންނާނެއެވެ. އެބައިމީހުން ޒިނޭއާއި ، (ފިރިހެނުންނަށް) ފަށުވި ފޭރާމައި ، ރަލާއި މިއުޒިކު އެއީ ހަލާލު ތަކެތި ކަމުގައި ހަދާނެއެވެ. ” މި ހަދީސަކީ ޞަހީހު ބުޚާރީގައި ވާރިދު ވެފައިވާ ޞައްޙަ ހަދީސް އެކެވެ. މިހަދީސް ގައި ބަޔާން ވެގެންވާ ކަންތައްތަކަކީ ފަހުޒަމާނުގެ އަލާމާތް ތަކުގެ ތެރެއިން ހިމެނިގެންދާ ކަންތައްތައްކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ.
އެއްވެސް ޝައްކެއް ނެއްގޮތުގައި ރަސޫލް ޞައްލަﷲ ޢަލައި ވަޞައްލަމް ގެ ހަދީސް ފުޅެއް ދުވަހަކުވެސް ދޮގެއްނުވާނެއެވެ. ސަބަބކީ އެކަލޭގެފާނަކީ ހަވާ ނަފްސަށް ތަބާވެ އަމިއްލަ އެދުމުގައި ވާހަކަ ފުޅު ދައްކަވާ ބޭކަލެއްނޫނެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަ ފުޅު ތަކަކީ ﷲ ތަޢާލާގެ ވަހީ އެވެ. މިކަން ކީރިތި ޤުރުއާނުގެ އައްނަޖުމް ސޫރަތުގެ 3 އަދި 4 ވަނަ އަޔަތުގައި ވަރަށް ޞަރީޙަ އިބާރާތުން ބަޔާން ވެގެން ވެއެވެ. އެހެން ކަމުން އެކަލޭގެފާނުގެ މި ބަސްފުޅުގެ ތެދުކަން އަލުގަނޑުމެންގެ މި މުޖްތަމަޢުން ވަރަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ދުވާލުގެ އިރުފަދައިން ހާމަވަމުން އެބަ ދެއެވެ. އިޚްލާސްތެރި ނިޔަތެއްގައި ކަންކަމާއިމެދު ވިސްނާ ބަޔަކަށް މިކަމުގައި މަތިވެރިވެގެންވާ އިލާހީ މިޢުޖިޒާތެއްވާކަށް ކަށަވަރެވެ.
މި ހަދީސް ބަސްފުޅުގައި އެވާ ” ތިމަން ކަލޭގެފާނުގެ އުއްމަތް ” ނިސްބަތް ވެގެންވަނީ މުސްލިމުންނާއި ޣައިރު މުސްލިމުން ހިމެނޭގޮތަށް މުޅި އިންސާނިއްޔަތަކަށްނޫނެވެ. ހަމަ އެކަނި މުސްލިމުންނަށެވެ. ޣައިރު މުސްލިމުންނަކީ އެބައިމިހުންގެ ގާތުގައި ހަރާމެއް ހަލަލެއް އޮންނަބަޔެއްނޫނެވެ. އެބައިމީހުން ދެކޭ ގޮތުގައި ހިއްހަމަ ޖެހުމާއި އުފާ ލިބޭ ކޮންމެ ކަމެއް ކުރުމުގެ ހައްޤު ކޮށމެ މިހަކަށްވެސް ލިބިގެންވެއެވެ. ނަމަވެސް މުސްލިމުނެގެ އަޤިދާ އަކި މިއެއްނޫނެވެ. މުސްލީމުނެގެ އަޤިދާ އަކީ ﷲ ހަލާލް ކުރެއްވި ކަންތައްތައް އެއި ހަލާލް ކަނތައްކަމުގައި ބެލުމެވެ. އަދި އެއިލާހު ޙަރާމް ކުރެއްވި ކަންތައް އެއީ ހަރާމް ކަންތައްކަމުގައި ބެލުމެވެ. އެކަމަކުން ކިތައްމެ ހިއްހަމަ ޖެހުމާއި އުފާލިބުނު ކަމުގައި ވިޔަސް ޝަރީއަތުގައި ހަރާމް ކުރައްވާފައި ވާ ކަމެއްކަމުގައި ވާނަމަ އެކަމަކުން ދުރުހެލިވެގެން ތިބުމެވެ.
މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުން މި ހަދީސްގެ ތެދު ކަން ވަރަށް ރަނގަޅަށް ހާމަ ވަމުން އެބަދެއެވެ. މުސްލިމުންގެ ގޮތުގައި ތިބެގެން ޒިނޭ ހުއްދަ ކުރަމުން ދާ މަންޒަރު ވަނީ ފެންނަން ފަށާފައެވެ. އެއްމެ ފުރިހަމަ ގޮތުގައި ޒިނޭ ކުރެވޭނެ ގޮތްގޮތަށް ހަދާ ހަށި ވިއްކުމުގެ މަރުކަޒުތައް ރެޖިސްޓްރި ކޮށްގެން އިސްލާމި މުޖުތަމަޢު ތަކުގައި މުސްލިމުން ހިންގަމުން ދަނީ އެވެ. ޒިނޭ އަށް މަގު ފަހި ވެދާނެ އެންމެހާ ކަންތައްތަކެއް އެއީ ހަރާމް ކަންތައް ކަމަށް ވާއިރު އެހުރިހާ ކަމެއް އެއީ ހުއްދަ ކަންކަން ކަމުގައި ހަދަމުން ދަނީ އެވެ. އާއްމު ރައްޔިތުންގެ އިތުރުން ޢިލްމުގެ އަހުލުވެރިން ކަމަށް ދަޢުވާ ކުރާ ފަރާތްތަށްވެސް ދުނިޔެވީ ލައްޒަތު ހޯދުމަށް ޓަކައި ހުރަސް ބޭނުން ކޮށްގެން ހިލޭ މީހުން ގުޅުން ހިންގުން ހުއްދަ ކަމުގައި ފަތުވާ ދެމުން ދަނީ އެވެ. މީ ދިވެހި މުޖުތަމަޢުގެ ހާލަތު ކަމަށްވާއި މުޅި އިސްލާމީ އުއްމަތުގެ ހާލަތު އޮންނާނީ ކިހިނެއްތޯ އެވެ؟ މީ ޒިނޭ ހަލާލު ކުރުމެއް ނޫންތޯ އެވެ. ދާދި ފަހުން ބޭރުގައުމަކުން ކިޔަވައިގެން ” އެއްމެ މަތި ފާސް ” ހިއްޕަވައިގެން ވަޑައިގެން ޢިލްމްވެރިޔެއްކަމުގައި ދަޢުވާ ކުރާ ބޭފުޅަކު ދައުލަތުގެ ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވިދާޅު ވި އަޑު ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އައްސަވާނެއެވެ. ” ލާއިލާހަ އިއްލަﷲ ކިޔަމުން ޒިނޭކުރާމީހާ ވެސް މާތް ﷲ ސުވަރުގެއަށް ވައްދަވާނެ އެވެ ” މިފަދައިންނެވެ. މީ ޒިނޭ އަށް ގޮވާލާ ހިއްވަރު ދިނުމެއްނޫންތޯ އެވެ.؟ މިފަދަ ބަސްތަކުގެ ސަބަބުން ކިތައްމީހުން މަގުފުރެދިގެން ދާނެތޯ އެވެ. މީސްތަކުން ސުވަރުގެ ވެއްދެވުމާއި ނަރަކައަށް ވެއްދެވުމަކީ ﷲ ތަޢާލާގެ ހައްޤެކެވެ. އެއީ އެއްވެސް އިންސާނަކަށް އެނގޭނޭ ކަމެއްނޫނެވެ.
ފަށުވި ފޭރާން ނުވަތަ ސިލްކް އެ މިދުނިޔެވީ ހަޔާތުގައި މުސްލިމުފިރިހެނުންނަށް އިސްލާމީ ޝަރީއަތުގައި ހަރާމް އެއްޗެކެވެ. މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ފަށުވިފޭރާން ބޭނުންކުރާމީހުން އާއްމުކޮށް ފެންނަށް ހުރިކަމަކަށް ނުދެއްނެވޭނެއެވެ. ނަމަވެސް ބައެއް އެހެން ރާއްޖެތަކުގައި މުސްލިމު ފިރިހެނުން ފަށުވި ފޭރާން ބޭނުން ކުރާކަން އެނގިފައިވެއެވެ. ދިވެހި ރާއްޖޭގައިވެސް އާއްމުކޮށް ފިހާރަތކުގައި ވިއްކަން ހުންނަ ފިރިހެނުންނަށް ހާއްސަ ޓައީ ތަކުގެ ތެރެއިން ގިނަ ޓައީ ގައި %100 ސިލްކް މިހެން ލިޔެފައި ހުރެއެވެ. ނަމަވެސް ވަރަށް ގިނަ މީހުން ނޭންގި ނަމަވެސް މިފަދަ ޓައީ ބޭނުންކުރާތީ ފެނެއެވެ. ނަމަވެސް މިފަދަ ތަކެތި އާއްމު ވެފައި ވާލެއް ބޮޑުކަމުން ކަމުގެ ހަޤިޤަތް އިނގުނުކަމުގައި ވިޔަސް ގިނަ ބަޔަކު މިކަމާއި ސަމާލުވާނެ ކަމަކަށް ނުފެނެއެވެ. ރަސޫލް ޞައްލަﷲ ޢަލައި ވަޞައްލަމް ގެ ހަދީސް ބަސްފުޅަކުން އެނގޭ ގޮތުގައި ދުނިޔޭގައި ފަށުފޭރާން ބޭނުންކުރާމީހުން (ފިރިހެނުން) ނަކަަށް ޤިޔާމަތް ދުވަހުން ފަށުވިފޭރާމެއްނުލިބޭނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ފެރާމަކީ ފަށުވިކަމުގައި ކީރިތި ޤުރުއާނުގައި ﷲ ތައާލާ ބަޔާންކުރައްވާފައި ވެއެވެ.
ރަސޫލް ޞައްލަﷲ ޢަލައި ވަޞައްލަމް ދެން ބަޔާން ކޮށްދެއްވާފައި އެވަނީ ރަލުގެ ވާހަކަ އެވެ. އިސްލާމީ ޝަރީއަތުގައި ކޮންމެ މަސްތުވާ އެއްޗަކީ ރަލެކެވެ. އެއީ ހިކި އަދި ދިޔާ އެއްޗެއްކަމުގައި ވިޔަސމެއެވެ. އަދި ކޮންމެ ރަލަކީ ހަރާމް އެއްޗެކެވެ. އެއީ އޭގެ ކިތައްމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސް މެއެވެ. މިއަދު ތަފާތު ނަންނަމުގައި މަސްތުވާ ތަކެތީގެ ބާވަތްތައް މިވަނީ އާއްމު ވެފައެވެ. މަސްތުވާ ތަކެތީގެ ބާރު ދެރަވައްތަރުތަށް ބޭނުން ކުރެވޭނެކަމަށް މުސްލިމުންގެ ތެރެއިން ބަޔަކު ދަނި ގޮވަމުންނެވެ. ދިވެހި ރާއްޖޭންވެސް މިފަދަ ގޮވާލުންތަކުގެ އަޑު ތައް އިވިފައި ވެއެވެ. ރަސޫލް ޞައްލަﷲ ޢަލައި ވަޞައްލަމް ގެ އެހެން ހަދީސް ބަސްފުޅަކުން އެނގޭ ގޮތުގައި ރަލުގެ ނަން ބަދަލުކޮށްގެން އޭގެ ބޭނުންކުރާ ބަޔަކު ފަހު ޒަމާނުގައި އަންނާނެއެވެ. އިސްލާމީ ޝަރިއަތުގައި އެއްވެސްކަމެއް ހަރާމް ކުރައްވާފައި ވަނީ ހަމަ އެކަނި އެއިންލިބޭ ދުނިޔެވީ ގެއްލުމަށް ބަލާފައެއްނޫނެވެ. އޭގެ އިތުރުން އެއިލާހަށް ހަޤީޤި މާނާގައި ކިޔަމަންތެރިކަން އަދާކުރަނި ކޮންބަޔެއްކަން ބައްލަވާ އިމްތިހާނު ކުރެއްވުމަށް ޓަކައެވެ.
މިއުޒިކަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ދައުވާ ކުރާ މުސްލިމުންވެސް މިއަދު ދުނިޔެމައްޗަށް ފާޅު ވެއްޖެއެވެ. އެބައިމީހުން ދެކޭ ގޮތުގައި ފުރާނާގެ ކާނާއަކީ މިއުޒިކެވެ. ނަމަވެސް މިއި އިލާހި ޝަރީއަތާ ދިމާ އިދިކޮޅު ބަސްތަކެކެވެ. މުސްލިމުން އާއްމުންގެ ހާލަތު މިދަރަޖައިގައި ވަނިކޮށް ޢިލްމުވެރިންގެ ނަމުގައި ތިބިބަޔަކު ލަވކިޔުމުގައިވެސް އުސްމިންތަކަށް ވަނީ އަރަން ފަށާފައެވެ. ނަމަވެސް ވަރަށް ސަރީހަ އިބާރާތުން މަތީގައިވާ ހަދީސްފުޅުން އެނގިގެން ދަނީ މިއުޒިކަކީ ވެސް ހަރާމް އެއްޗެއްކަމުގައެވެ. މިއުޒިކަކީ އޭގެ ޒާތުގައިވެސް ހަރާމް އެއްޗެކެވެ. ރާބުއިމާއި ޒިނޭކުރުމާއި މިފަދަ ބޮދެތި ފާފަތަކާއެކު މިއުޒިކު ސާމާނުގެ ވާހަކަ ބަޔާން ކޮށް ރަސޫލް ޞައްލަﷲ ޢަލައި ވަޞައްލަމް މި ހަދީސް ކުރައްވަނީ މިތަކެތި ހަލާލު ކުރާނެ ބަޔަކު އަންނާނެ ކަމުގައެވެ. މިއިންވެސް އެނގެނި މިއީ ދިނުގައި ހަރާމް ކުރެއްވިފައިވާ ކަންކަން ކަމެވެ.
އެހެންކަމުން މިފަދަ ކަންކަމުން އިބްރަތް ހާސިލް ކުރުމަކީ ބުއްދިވެރިންގެ ގޮތެވެ. ބޮޑާވެ ދެކޮޅުވެރި ވެގަތުމަކި ޖާހިލުންގެ ސިފައެކެވެ. މަރުވުމަށްފަހު ދެން ތިމާއާދޭތެރޭ ކަންތައްތަށް ވާނެ ގޮތަކާމެދު ވިސްނާ އެހަޔާ އުފާވެރި ކުރެވޭތޯ ބަލާށެވެ. މަރަށް ބިރު ނުގަންނާށެވެ. މަރަށް ތައްޔާރުވާށެވެ. މަރުވުމަށް ފަހު ވެދާނެ ގޮތަކާމެދު ބިރުވެތި ވާށެވެ. ދުނިޔެމަތީގެ ކުޑަ ކުޑަ ހިތްހަމަ ޖެހުމެއް ދޫކޮށްލާފައި ވެސް މާދަމާ ޤިޔާމަތްދުވަހުން ރައްކާތެރިކަން ލިބޭތޯ ބަލާށެވެ. އެދުވަހުން އިސްތިއުނާފް ކުރުމުގެ ފުރުޞަތެއްނުލިބޭނެއެވެ. ﷲ ތަޢާލާގެ ހަޒްރަތުގައި ނިޔާ ކަނޑައެޅިފައިވާ ކަމެއް ބަދަލެއްނުވާނެއެވެ. ރޮއި އާދޭސް ކުރުމަކުން ލިބޭނެ މަންފާ އެއްނޯންނާއެވެ. ރައްކާތެރިކަން ހޯދާށެވެ. ނަބަވީ އިރުޝާދު ތަކުން އެނގޭ ގޮތުގައި ޤިޔާމަތުގެ ވަގުތު ވަނީ ވަރަށްވެސް ކައިރީގައެވެ.